މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާއިން އިންތިޒާމުކޮށްގެން ބޭއްވި ‘އީދު އުފާ މަސްރޭސް 1446’ ވަރަށް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. މި މަސްރޭހަކީ އީދުގެ އުފާ ފާހަގަކުރުމަށް ކައުންސިލުން ރޭވި ހަރަކާތެކެވެ.
މި މަސްރޭހުގައި ވާދަކުރި ޓީމުތަކުގެ ތެރެއިން އެންމެ ބަރު މަސް ބޭނުމުގެ އިތުރުން މަސްރޭހުގެ 1 ވަނަ ހޯދާފައިވަނީ ‘ހުސްބުޅި’ ޓީމެވެ. 2 ވަނަ ޓީމުގެ މަގާމް ހޯދައި، އެންމެ ގިނަ މަސް ބޭނި ޓީމަކީ ‘ރަމްޒު’ ޓީމެވެ. މަސްރޭހުގެ 3 ވަނަ ޓީމަކީ ‘ދޮޅު ޑޮލަރު ދެ ޑޮލަރު’ ޓީމެވެ.
މި މަސްރޭހުގައި މަތީގައި މިދެންނެވި ޓީމުތަކުގެ އިތުރުން ‘ހުޅުދެލި ރެސިޑެންސް’، ‘ހިތްވަރު’، އަދި ‘ހެސްކިޔާފަ ބާނާލި’ ޓީމުންވެސް ވަނީ ފޯރިއާއެކު ބައިވެރިވެފައެވެ.
މި މަސްރޭހުގައި ބައިވެރިވި ޓީމުތަކުން ޖުމްލަ 91.5 ކިލޯގެ މަސް ބާނާފައިވާއިރު، މި މަސްތަކުން ޖުމްލަ 1830 ރުފިޔާ ވަނީ ވިއްކައިގެން ލިބިފައެވެ.
މުލީ ކައުންސިލްގެ އިދާރާއިން ބާއްވާ މިފަދަ ހަރަކާތްތަކަކީ، ރަށުގެ އިޖްތިމާޢީ ކުރިއެރުމާއި ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މަޤްސަދުގައި ބާއްވާ ހަރަކާތްތަކެކެވެ. މި މަސްރޭހަކީ އީދުގެ މުނާސަބަތުގައި ބޭއްވުނު ކުޅިވަރުތަކުގެ ތެރެއިން، ރައްޔިތުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބުނު ހަރަކާތެކެވެ.