މ. މުލި
މ. މުއްޔަކީ ދިވެހިރާއްޖޭގެ ވެރިރަށް މާލެއާ 139.86 ކިލޯމީޓަރ ދެކުނުން މުލަކަތޮޅު އިރުމަތީ ބިތުގެ ޠޫލުން “50’73:34” އަރުޟުން “15’55: 02 ގައި އޮންނަ 104 ހެކްޓަރުގެ މައްޔަށް އެކުލެވޭ ރީތި ރަށެކެވެ. ޖޯގުރަފީގޮތުން މުއްޔަށް ދީފައިވާ އަކުރަކީ K5 އެވެ.
އާބާދީ
މުލީގެ އާބާދީއަކީ 1042 އެވެ.
އާމްދަނީ ހޯދަން ކުރާ މަސައްކަތް
މުލީ ރައްޔިތުންނަކީ މަސައްކަތްތެރި ބައެކެވެ. އާއްމުދަނީ ހޯދުމަށް ރަށު މީހުން ކުރަމުންދާ މަސައްކަތްތަކަށް ބަލާއިރު ސަރުކާރުގެ މުއައްސަސާތަކުގައި ވަޒީފާ އަދާކޮށްގެން އާމްދަނީ ހޯދާ މީހުން މަދެއް ނޫނެނެވެ. ރަށު ކައުންސިލާއި، އަތޮޅު ކައުންސިލާއި، ހޮސްޕިޓަލާއި، ސްކޫލާއި އިންޖީނުގެ ފަދަ ތަންތަނުގައި ވަޒީފާ އަދާ ކުރާ މީހުންނަށް އެންމެ ރަނގަޅު އާމްދަނީއެއް ލިބެއެވެ.
މީގެ އިތުރުން ރަށުގައި ކުރާ އެހެން މަސައްކަތްތަކުން އާމްދަނީ ހޯދާ މީހުން ވެސް ގިނައެވެ. އެރަށުގައި ތަފާތު އެކި ބާވަތްތަކުގެ ވިޔަފާރި ހިންގައެވެ. މަސް ކައްކާ ހިއްކައެވެ. ކަނޑުމަހާއި ފަރުމަހުގެ މަސްވެރިކަން ކުރެއެވެ.
މުއްޔަކީ ބިންގަނޑު ރަނގަޅު ފަސޭހައިން ގަސް ހެދޭ ރަށެކެވެ. އެހެންކަމުން ވަރަށްގިނަ މީހުން ގޯތި ތެރޭގައި ގަސް ހައްދާފައި ވެއެވެ. ފަހަކަށް އައިސް އެރަށުގައި މިހާރުވަނީ ދަނޑުވެރިކަމަށް ބޭނުންވާ ބިންތައް ވެސް އިތުރުވެފައެވެ. އެ ބިންތަކުގައި ދަނޑު ހައްދައިގެން ރަނގަޅު އާމްދަނީ ދަނޑުވެރީންނަށް ލިބެއެވެ.
މުހިންމު ބައެއް ތަންތަން
މ. އަތޮޅުގައި އޮންނަ ހަމައެކަނި އެއަރޕޯޓު އޮންނަނީ މުލީގައެވެ. 1500 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއަކާއި، އެއްފަހަރާ 150 މީހުނަށް ޚިދުމަތްދެވޭނެ ފުރިހަމަ ޓަރމިނަލެއް މި އެއަރޕޯޓުގައި ހުރެއެވެ.
މުލީ ރާޅުބީޗާއި، ދޮންބަންޑާރަ ފާލަމަކީ މެހުމާނުންގެ މެދުގައި މަގުބޫލު އަދި ރަށުގެ ރީތިކަން އިތުރުކޮށްދޭ ތަންތަނެވެ.
މުއްޔަކީ ސަރުކާރުގެ މުއައްސަސާތައް ގިނަ ރަށެކެވެ. އަތޮޅު ކައުންސިލްގެ އިދަރާގެ އިތުރުން މި އަތޮޅުގެ ޕޮލިސްޓޭޝަންވެސް ހުންނަނީ މުލީގައެވެ. ތަޢުލީމީ މަރުކަޒުގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްގެ ގޮތްޕެއް ވެސް މުލީގައި ހުރެއެވެ. އޭގެ އިތުރުން 1989 އިން ފެށިގެން މި ރަށުގައި ރީޖަނަލް ހޮސްޕިޓަލްގެ ޚިދުމަތް ލިބެމުން ދެއެވެ. ރަސްމީގޮތުން 1990 ޖެނުއަރީ 8 ގައި ހުޅުވުނު މި ހޮސްޕިޓަލުގައި 14 ޑޮކްޓަރުން މިވަގުތު މަސައްކަތް ކުރައްވަމުން ގެންދަވައެވެ. މީގެ ތެރޭގައި ޚާއްޞަ ބަލިތަކަށް ފަރުވާ ދެއްވާ 5 ޑޮކްޓަރުން ހިމެނި ވަޑައިގަންނަވައެވެ. އެއީ ކުޑަކުދިންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރަކާއި، އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރަކާއި، އޮޕަރޭޝަން ޑޮކްޓަރަކާއި ހޭނައްތާ ޑޮކްޓަރަކާއި ދަތުގެ ޑޮކްޓަރެކެވެ. މ. އަތޮޅު ރައްޔިތުންގެ އިތުރުން މިއަތޮޅާ ކައިރި ހިސާބު އަތޮޅުތަކުގެ މީހުން ވެސް މި ހޮސްޕިޓަލުން ޚިދުމަތް ހޯދައެވެ. މ. ރީޖަނަލް ހޮސްޕިޓަލުގައި އޯގާތެރި ކަމާއެކު ޚިދުމަތް ކުރައްވާ 24 ނަރުހުން ޙަރަކާތްތެރިވެއެވެ. އޭގެ ތެރެއިން ގިނައީ މުއްޔަށް ނިސްބަތްވާ ނަރުހުންނެވެ.
ތަޢުލީމް
ކުރިން ވެސް ފާހަގަ ކުރެވިފައިވާ ގޮތަށް މުއްޔަކީ ނިސްބަތުން ތަޢުލީމީ ދަރިން ގިނަ ރަށެކެވެ. މ. އަތޮޅު ތަޢުލީމީ މަރުކަޒު ވެސް ހުންނަނީ މުލީގައެވެ. ކިޔެވުމާއި ކުޅިވަރުގެ ރޮނގުން ރަން ވަނަތަކެއް ޙާސިލް ކުރަމުންދާ މި މަރުކަޒުގައި ފައުންޑޭޝަނުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވައި ދެއެވެ. މިސްކޫލުގައި 249 ކުދިން މިހާރު ވެސް ތަޢުލީމް ޙާޞިލް ކުރަމުން ދެއެވެ. އޭގެ ތެރޭގައި އަވަށްޓެރި ނާލާފުށީން ކިޔަވަން އަންނަ ދަރިވަރުން ވެސް ހިމެނެއެވެ. އެކުދިން މުއްޔަށް ކިޔަވަން އަންނަނީ ކޮންމެ ދުވަހަކު އޮންނާ ފެރީންނެވެ. އެ ދެރަށް ގުޅުވާފައިވަނީ ވަރުގަދަ ފެރީގެ ނިޒާމަކުންނެވެ.
ލަފާ ފުރުން
މ. މުލީގައި ސަރުކާރުން ގާއިމް ކުރައްވާފައިވާ ވަރަށް ފުރިހަމަ ބަނދަރެއް ހިމެނެއެވެ. ބަނދަރު ހިމެނޭ ސަރަހައްދުގައި ގާއިމްކޮށްފައިވާ ޕެޓްރޯލް ޝެޑަކީ ދަތުރުވެރިންނަށް ފަސޭހައިން ތެރޮ ލިބޭގޮތަށް ގާއިމްކޮށްފައިވާތަނެކެވެ. އަދި ބަރުމުދާ ބޭލުމަށް ހާއްސަ ޖެޓީއަކާއި، މަސްކަނޑާ ހަޓެއްވެސް ބަނދަރު ސަރަހައްދުގައިވެއެވެ.
ކުޅިވަރު
މުލީގެ ޒުވާނުންނަކީ ވެސް ކުޅިވަރަށް ލޯބިކުރާ ބައެވެ. ފުޓުބޯޅަ، ވޮލީއަކީ އެރަށަށް ވެސް އެންމެ އާންމު ދެ ކުޅިވަރެވެ. މިދެކުޅިވަރު ކުޅުމުގެ ހުނަރާއި ގާބިލިއްޔަތުކަން ލިބިފައިވާ ދެ ޖިންސުގެ ޒުވާނުން އެރަށުގައި ނުހަނު ގިނައެވެ.
މުލީ ސްކޭޓް ޕާކާއި، ވޮލީ ކޯޓާއި، ފުޓްޝަލް ދަނޑުކީ މުލީގައި ކުޅިވަރު ކުޅޭ ފަރާތްތަކަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ތަންތަނެވެ. މީގެ އިތުރުން މުލީގެ ޓާފް ފުޓްބޯޅަ ދަނޑެއް ވެސް ތަރައްގީކޮށް ނިންމާ ވަރަށް އަވަހަށް ހުޅުވޭނެއެވެ.
މުލީގެ ކުޅިވަރާއި އިޖުތިމާޢީ ކަންކަން ކުރިއަރުވައި ތަރައްޤީ ކުރުމަށް މުލީގައި ގިނަ ޖަމްޢިއްޔާތަކަކުން ހަރަކާތްތެރިވަމުން ދެއެވެ.
ރީތި ރަށެއް
ދިވެހިރާއްޖޭގެ އެންމެ އިރުމައްޗަށް އޮންނަ މުލަކަތޮޅު މުއްޔަކީ ވެސް ދިވެހީންގެ އެހެން ޖަޒީރާތައް ފަދައިން ޗާލު ޖަޒީރާއެކެވެ. މި ރަށްވަށައިގެން ދެމިފައިވާ ރީތި ގޮނޑުދޮށުގެ ހިތްގައިމުކަން އިންތިހާއެވެ. އެ މާޙައުލުން ހިތްތަކަށް ގެނުވައިދޭ އުފާވެރިކަމުގެ ބޮޑު ކަމާއެވެ. އެ ގޮނޑުދޮށްތަކާއި ގުޅިލާމެހިފައިވާ ހުދު ދޮންވެލި ތުނޑިތަކުގެ ރީތިކަމަކީ ގުދުރަތުގެ އަގުބޮޑު ހަދިޔާއެކެވެ. ސާފު ހުދު ބޯކިރު ފޮދެއްފަދަ މޫދާއި މަޑު ފެހިކުލައިގެ ޗާލު ވިލަކީ ސްނޯކްލިންނަށް ދާ ހިތްވާ މީހުންނަށް އޮތް ޖާދޫއެއް ފަދަ ތަނެކެވެ. މީގެ އިތުރުން މުލީ ކަނޑުތޮށި ކައިރީގައިވާ ސަރަޙައްދަކީ މެދުރާއްޖެތެރޭގައި އޮތް އެފަދަ ދެވަނައެއްނެތް ރީތި ރާޅު ނަގާ މަންޒިލެކެވެ. ރާޅާ އަޅަން ބޭނުންވާ މީހުންގެ ހިތްތައް އެތަނަށް ލަންބުވާލާހާ ނަލައެވެ. ފަތުރުވެރިންގެ މެދުގައި އެތަން މަޝްހޫރު ވެފައިވަނީ “އެފް ވަން” ގެ ނަމުންނެވެ. އެ ތަނުގައި ސަފާރީއެއް ޔޮޓެއް ނޯންނަ ދުވަހެއް މަދުވާނެއެވެ.
މުއްޔާ ގުޅިފައިވާ ބޯހުރާ ކައިރީގައި އޮންނަ “މަޝްރޫމް” ކިޔާ ސަރަޙައްދަކީވެސް ރާޅާ އެޅުމަށް ފައްކާ މަންޒިލެކެވެ. ބޭރުން އަންނަ ފަތުރުވެރިންނާއި ދިވެހިންގެ ހިތުން ވެސް އެތަން ވަނީ ޖާގަ ކަށަވަރު ކޮށްފައެވެ.
ކަންޒު ކަހަނބު
ކަންޒުކަހަނބެއް ދުށީމު ހެއްޔެވެ؟ ނުފެނިދާނެއެވެ. އެހެންނަމަވެސް ކަންޒުކަހަނބާއި މުސަޅުގެ ވާހަކަ އަޑު ނާހާ މީހަކު ނުވަތަ ކުއްޖަކު ހުންނާނެހެން ހިޔެއް ނުވެއެވެ.
އެވާހަކައިގައި ބުނެފައިވާ ގޮތުން މުސަޅަކީ ވަރަށް ހަލުއި އެއްޗެކެވެ. ކަންޒު ކަހަނބަކީ ދުވެލި މަޑު ބުރަހެލި އެއްޗެކެވެ. މި ދޭތީގެ މެދުގައި ރޭހެއް ބޭއްވިއެވެ. މުސަޅު އޭގެ ހަލުއިކަމާއި ދުވެލީގެ މައްޗަށް ބޮޑާވެ ޣާފިލުވެފައި އޮއްވައި ކަންޒުކަހަނބު ރޭސް ނިންމީއެވެ. މިވާހަކަ ކުޑައިރު އަޑު އިވުމުން ކަންޒުކަހަނބަކީ ރާއްޖެއިން ބޭރުގައި އެކަނި އުޅޭ އެއްޗެއް ކަމަށް ހީކުރި މީހުން ވެސް އެބައުޅެއެވެ. ވާނީވެސް އެހެންނެވެ. އެއީ ރާއްޖޭގައި އެހާގިނަ އެއްޗެއް ނޫނެވެ.
އެއީ މަޢުލޫމާތު ނެތުމުން އޭރު ހީކުރެވިފައިވާ ކުށްހީއެއްކަން މިހާރު އެނގިއްޖެއެވެ. މި ކުޑަކުޑަ ދިވެހިރާއްޖޭގެ ބައެއް ރަށްރަށުގައި ވެސް ކަންޒުކަހަނބު އެބައުޅެއެވެ. މީގެ ކުރިން ރާއްޖޭގެ 7 ރަށެއްގައި އެސޮރުމެން އުޅުނު ކަމަށް ވެއެވެ. އެހެންނަމަވެސް މިހާރު އެ ސޮރުމެން އުޅޭކަމަށްވަނީ އެންމެ ތިން ރަށެއްގައެވެ. އެއީ ކ. ކާށިދޫ، މ. މުލި، ހދ. ކުނބުރުދޫއެވެ. ކުނބުރުދުއަކީ މިހާރު ފަޅުރަށެކެވެ. އެރަށު މީހުން ވަނީ ހދ. ނޮޅިވަރަންފަރަށް ބަދަލުވެފައެވެ.
ރާއްޖޭގެ ރަށްރަށުގެ ތެރެއިން ކަންޒުކަހަނބު އުޅެނީ ހަމައެކަނި މި ތިން ރަށުގައި ކަމުން އެރަށްރަށް ޚާއްސަވާން އެބަޖެހެއެވެ. ކަންޒުކަހަނބަށްޓަކައެވެ. އޭގެ އާބާދީއަށްޓަކައެވެ. އެ ރަރަށްރަށުގައި އެސޮރުމެން މިހާރު އުޅެމުންދަނީ ޤާނޫނީ ޙިމާޔަތުގެ ދަށުން މިނިވަންކަމާ އެކުގައެވެ.
ކަންޒުކަހަނބުގެ ގެދޮރަކީ ފަލެވެ. ކަށިކޭލާއި ކުއްޅަވަށް ހެދިފައި ހުންނަ ޗަކަ ބިމެވެ. މިއީ އަދި ކުޅިއެއް ނޫނެވެ. މި ފާތަކުގައި އެސޮރުމެން ދިރިއުޅޭއިރު ކައި އުޅެނީ ގަސްދޮށުން ބިންމައްޗަށް ވެއްޓިފައި ހުންނަ ކަށިކޭލާއި، ބަނބުކޭލާއި، ކުއްޅަވަކާއި ކަނޑޫފަދަ ތަކެއެއްޗެވެ. ބޮނީ ފަލުގައި ހުންނަ ފެނެވެ.
ދުނިޔެއިން ނެތިހިނގައިދާނެ ކަމުގެ ބިރުހީވެފައިވާ، ކަންޒުކަހަނބު އާންމުގޮތެއްގައި ބިސް އަޅާކަމަށް ވަނީ އޮގަސްޓް މަހާއި އޮކްޓޯބަރު މަހުގައެވެ. އޭގެ ބިސް ކުކުޅު ބިހަކަށްވުރެ ބޮޑުވާނެއެވެ. އަދި ބިސް ދިގުވެފައި ބިހުގެ ބޭރު ތޮށި މަޑުވާނެއެވެ. ވެލާ، ކަހަނބު ފަދައިން ކަންޒުކަހަނބުވެސް ގިނައިން ބިސް އަޅަނީ ވެލިގަނޑަށެވެ. ބިސް އެޅުމަށްޓަކައި އަމިއްލައަށް ވަޅު ކޮނެއެވެ. ވަޅު ކޮންނަނީ އޭގެ ފަހަތު ދެފައިންނެވެ. ކޮނުނު ކުޑަވަޅަށް ބިސް އެޅުމަށް ފަހު ފަސްލައި ބިސްތައް ފޮރުވައެވެ. ވެލިގަނޑުގެ އިތުރުން ބޯކޮށް ހެދިފައި ހުންނަ ވިނަ ބޮނޑި ބޮނޑި އަށާއި ކީސް ފިލާ، ގަސްތަކުގެ ބުޑަށާއި، ބޯ ކަށިކެޔޮ ގަސްތަކުގެ އަޅޯތަކުގެ ދަތި ދޭތެރެ ދޭތެރެއަށްވެސް ކަންޒު ކަހަނބު ބިސް އަޅާ ކަމަށް ވެއެވެ. ޖޯޑް ހަމަޔަށް ގޭގޭ ގޯތި ތެރޭގައި ގެންގުޅޭ ކަންޒުކަހަނބުވެސް ބިސް އަޅާ ކަމަށް ވެއެވެ. ކަންޒުކަހަނބުގެ ބިސް ފީވެ ޅަ ކަހަނބު ނުކުންނަން 45 ދުވަހާއި 60 ދުވަހުގެ މުއްދަތެއް ނަގައެވެ. މިގޮތުން ބައެއް ފަހަރު 2 ނުވަތަ ތިންކަހަނބުވެސް ނުކުމެއެވެ. ދިވެހި ކާބަފައިން ބުނެ އުޅޭ ގޮތުގައި ކަންޒުކަހަނބުގެ ބިހަކީ ވިހައެކެވެ.
ދިވެހިރާއްޖޭގައި މި އުޅެނީ އެއް ސައިޒެއްގެ ކަންޒުކަހަނބެވެ. އެއީ 38 ސެންޓިމީޓަރާއި 45 ސެންޓިމީޓަރާއި ދެމެދު ގެ ކަހަނބެވެ. މިފަދަ ދިރުންތައް ދިރާސާ ކުރައްވާ އިންޑިއާގެ އެން އެޗްއެން ދިލްކުރުޝީ (2019) ގައި ލިޔުއްވާފައިވަނީ ކަންޒުކަހަނބުގެ އުމުރަކީ 20 އަހަރާއި 40 އަހަރާ ދެމެދު ކަމުގައެވެ.
ކަންޒުކަހަނބުގެ ނަސްލު ނެތި ހިނގައިދާނެތީ ދިވެހި ސަރުކާރުން މިހާރު މިވަނީ ހިމާޔަތްދޭ ދިރޭތަކެތީގެ ލިސްޓްގައި ހިމަނާފައެވެ. އެގޮތުން މި ދިރުން ދެމެހެއްޓުމަށްޓަކައި އެ ތަކެތި ދިރިއުޅޭ ތަންތަން ހަލާކު ނުކޮށް އެސޮރުމެން ނަގައި އެހެން ތަންތަނަށް ނުގެންދިޔުން ވަރަށް މުހިއްމެވެ. ކަންޒުކަހަނބު އާލާ ކުރުމައްޓަކައި ފާ އޮންނަ އެހެން ރަށްރަށުމީހުން ވެސް މަސައްކަތް ކުރެއެވެ. ކަންޒުކަހަނބު ގެންގޮސް ފަލަށް ލައި ބިސްއަޅައިގެން އޭގެ އާބާދީ އިތުރުވޭތޯވެސް މަސައްކަތް އެބަކުރެއެވެ. ދިވެހި ރާއްޖޭގައި ދިރިއުޅޭ ކަންޒުކަނހަބުގެ ނަސްލު ނެތިދިޔަ ނުދިނުމަށްޓަކައެވެ. އަންނަން އޮތް ޖީލުތަކާ ހަމައަށްވެސް ރާއްޖޭގެ މި ދިރުންތައް ދެމެހެއްޓުމަށް ޓަކައެވެ.
އިޖްތިމާޢީ އަދި އިޤްތިޞާދީ މަޢުލޫމާތު
މަސްވެރިކަންކުރާ ފަރާތްތައް
ދަނޑުވެރިކަންކުރާ ފަރާތްތައް
ރީޓެއިލް ވިޔަފާރިކުރާ ފަރާތްތަކާއި ތަންތަން
ގެސްޓް ހައުސް ވިޔަފާރިކުރާ ފަރާތްތަކާއި ތަންތަން
ސައިހޮޓާ ކެފޭ ރެސްޓޯރަންޓް ވިޔަފާރި
ގަރާޖުހިންގާ ފަރާތްތަކާއި ތަންތަން
ތަކެތި އުފައްދާ ފަރާތްތަކާއި ތަންތަން
މިސްކިތްތައް
ސިއްހީ ހިދުމަތްދޭ ފަރާތްތައް
STO Pharmacy
- sto.mv